Jumhooree Party

ވަނަވަރު

ތަޢާރުފު:

އދ. މާމިގިލީ އިބްރާހީމް މުޙައްމަދު (ބުރުމާ މުޙައްމަދު) އާއި، އދ. ދިއްދޫ ގަމަރުއްނިސާ މުޙައްމަދު އަށް ލިބިވަޑައިގަތް އޮނަރަބަލް ޤާސިމް އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1950 ވަނަ އަހަރު، އދ. ދިއްދޫގައެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޅަފުރައިގެ އަހަރުތަކުގައި ތަޢުލީމު ޙާޞިލް ކުރެއްވުމަށް މާލެވަޑައިން އޭރުގެ ޙާލަތާއި ކަންކަން ހުރިގޮތުން ލިބެންހުރި ތަޢުލީމެއް ޙާޞިލްކުރެއްވުމަށްފަހު ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތީ،  1960 ގެ އަހަރުތަކުގެފަހުކޮޅުގައެވެ. އަދި 1969 ވަނަ އަހަރު ގަވަރމަންޓް ހޮސްޕިޓަލްގެ އެއްނަންބަރު ކާތިބެއްގެ ވަޒީފާއިން އެމަނިކުފާނުގެ އަގުނުކުރެވޭ ޤައުމީ ޚިދުމަތް ފެށްޓެވިއެވެ. އޭގެފަހުން 1972 ވަނަ އަހަރު އެކައުންޓެންސީ އިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަ ކުރުއްވެވި ޤާސިމް، އެކައުންޓެންޓަކަށް ޕްރޮމޯޓްވިއެވެ. އެމަނިކުފާނު އެދުވަސްވަރު އަދާކުރެއްވި ފާހަގަކޮށްލެވޭ ވަޒީފާތަކުގެ ތެރޭގައި 1973 ގައި އެލިޔާ ފަރުނީޗަރ ފިހާރައިގެ މެނޭޖަރުކަމާއި،  ހަމައެއަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނުގެ އަމިއްލަފުޅު ވިޔަފާރިއެއްކަމުގައިވާ ކްރެސެންޓްގެ މެނޭޖަރުކަމާއި، 1974 ވަނަ އަހަރު ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު (އެމް.ޖީ.ބީ.އެސް) ގެ މެނޭޖަރުކަން ކުރެއްވުން ހިމެނެއެވެ.

ދިވެހި ދައުލަތަލުގެ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ) ދައުލަތުން އަރުވާފައިވާ އޮނަރަބަލް ޤާސިމް އިބްރާހީމަށް ދިވެހި ދައުލަތުން އަރުވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި އަދި އެކި ރޮނގުރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެތައްފަހަރަކު އަރުވާފައިވެއެވެ. އަދި އޭގެ އިތުރުން ބައިނަލް އަޤްވާމީ ޔުނިވަރސިޓީތަކުންނާއި، ޖަމްޢިއްޔާތަކުންވެސް ޝަރަފްވެރި އެތައް އިނާމެއްވަނީ އަރުވާފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ޝަރަފްތަކުގެ ތެރޭގައި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން އަރުވާފައިވާ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން އަރުވާ އެންމެމަތީ ޝަރަފް ގެ އިތުރުން ހަމަ އެ ޔުނިވަރސިޓީއިން އޮނަރަބަލް ޤާސިމް އިބްރާހީމަށް އަރުވާފައިވާ އޮނަރަރީ ޕީ.އެޗް.ޑީ ފާހަގަކޮށްލެވެއެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ މިހާތަނަށް ދިވެހި ދައުލަތުގެ ޝަރަފުވެރި އެތައް މަޤާމެއްވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި 7 އޮގަސްޓް 2008 ގައި ވުޖޫދަށްއައި ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯރލްޑްބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ހިމެނެއެވެ. އަދި ސޯޅަ އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާއި އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ބޭފުޅެއްފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓުގައި ސޮއިކުރެއްވި ގަވަރުނަރަކީވެސް އޮނަރަބަލް ޤާސިމް އިބްރާޙީމެވެ.

1976 ވަނަ އަހަރު ގެ މެދެއްހާ ހިސާބުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗުން ނެންގެވި ފަނަރަހާސް ރުފިޔާގެ ލޯނަކާއެކު ވިޔަފާރިފެއްޓެވި ޤާސިމް އިބްރާހީމަކީ ދިވެހި ޤައުމުދުއް އެންމެކާމިޔާބު އެއްވިޔަފާރިވެރިޔާއެވެ. އެމަނިކުފާނު ނެންގެވި ލޯނުންފެއްޓެވި ކާޑާއި، ތެލުގެ ވިޔަފާރި ފުޅާކުރައްވައި ޝިޕިންގ ލައިނެއް އުފައްދަވައި، އެވިޔަފާރިތައް ބޮޑުކުރައްވައި ފުޅާކުރައްވަމުންގޮސް އެމަނިކުފާނުގެ ވިލާ ގްރޫޕްގެ ކުޑައިގެ ދަށުން އަންނަނީ ކާމިޔާބު އެތައް ވިޔަފާރިއެއް ކުރުއްވަމުންނެވެ. މިކުޑައިގެ ދަށުގައި ހިމެނޭ ވިލާ ހޮޓެލްސްގެ ފަތުރުވެރިކަމުގެ ރިސޯރޓްތަކާއި، ވިލާ ޓްރެވަލްސްއަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ އެންމެ ކާމިޔާބު ވިޔަފާރިތަކެވެ.

މަސްވެރިކަމުގެ ޞިނާޢީ ބޮޑެތި ކާރުހާނާތަކާއި، ބޯޓްތަކާއި، އެހެނިހެން ޞިނާޢީ ބޮޑެތި މަސައްކަތްތައް ކަމުގައިވާ، ސިމެންތި ބަންދުކުރާ ކާރުހާނާއާއި، ޓިނު އުފައްދާ ކާރުހާނާއާއި، ކައްކާ ގޭހުގެ ވިޔަފާރިއާއި، މީޑިއާ ނެޓްގެ ވިޔަފާރި ހިމެނެނީ ވިލާ ގްރޫޕްގެ ކާމިޔާބު ވިޔަފާރިތަކުގެ ގޮތުގައެވެ. ކަނޑުދަތުރު ފަތުރުގެ އިތުރުން  ވައިގެ ދަތުރު ފަތުރުގެ ދާއިރާއިން ވިލާއެއަރގެ ފްލައިމީ ހިންގަވަމުން ދާއިރު އދ. މާމިނގިލީގައި އަމިއްލަ އެއަރޕޯރޓެއް ހައްދަވައި ޚިދުމަތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކޮލެޖް ކަމުގައިވާ ވިލާ ކޮލެޖާއި، މުނިފޫހިފިލުވުމާއި މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ ދާއިރާއިން ވީމީޑިއާ ފަދަ އެތައް ވިޔަފާރިއެއްދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ރާއްޖޭގައި މުޅިން އަލަށް ފެށި ސަބްމެރިން އޮޕަރޭޓް ކުރުމުގެ ޚިދުމަތްކަމުގައިވާ ވޭލް ސަބްމެރިންއަކީވެސް ޤާސިމް އިސްވެހުންނަވައި ފެއްޓެވި މަސައްކަތްޕުޅެކެވެ. ވިލާ ގްރޫޕްގެ ވިޔަފާރި ފުޅާވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ދަނީ ވިލާ ގްރޫޕްގެ އޮފީސްތައް ހިންގަމުންނެވެ.

ރައްޔިތުންނަށް ދިމާވަމުންދިޔަ ތަފާތު ދަތިތަކާއި އުނދަގޫތަކާހުރެ ޤާސިމް އިބުރާހީމް އިސްލާޙީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެންއައި 1985 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސްކަމަށް ޤާސިމް ވަޑައިގެން ރައްޔިތުންގެ ޙައްޤުގައި އިސްލާޙީ މަސައްކަތުގައި ދެމިހުންނެވިއެވެ.

ޤާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަތެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ދިވެހިން މިދެކޭ ހެއު ބަދަލުތައް ގެނުވި ޤާނޫނުއަސާސީ، ތަފާތު ފިކުރުތަކުގެ ވިސްނުން އެއްގޮތް ކުރުވައިގެން އިޞްލާޙުކޮށް، އެ ބުރަ މަސައްކަތް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވެވި މޭސްތިރިއަކީ ޤާސިމް އިބްރާހީމެވެ. އަދި އެމަނިކުފާނުވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންގެ ކުރިއެރުމާއި، މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި ސަރުކާރުރާއި ގުޅިގެން ރައްޔިތުންނަށް ހެޔޮ ބަދަލާއި، ޤައުމަށް ރަނގަޅުގޮތް ހޯދަވައިދެއްވުމުގެ ނިޔަތުގައި އެމަނިކުފާނުވަނީ ސަރުކާރުގެ މުހިންމު މަޤާމްތަކެއް އަދާކުރައްވައި، ޤައުމުގެ އިޤްތިޞާދީ، އިޖުތިމާއީ އަދި ޢުމްރާނީ ދުވެލީގެ ބާރުމިން މަތިކުރައްވައި، ޤައުމަށް ބޭނުންތެރި ސިޔާސަތުތައް އެކަށައަޅުއްވައި، ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގެވުމަށް ހިކުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ޤާސިމް އިބްރާހީމް ގެންދަވަނީ 4 އޯގަސްޓް 2008 ގައި ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ މިއަދާއި ހަމައަށްވެސް ޖުމްހޫރި ޕާޓީގެ ލީޑަރުގެ މަޤާމް ފުރުއްވަމުންނެވެ. އޭގެ ކުރިން، އެމަނިކުފާނު ވަނީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގައި، އުފެއްދެވި ޑީއާރުޕީގެ ނާއިބު ޒަޢީމްގެ މަޤާމްވެސް ފުރުއްވާފައެވެ. ޤާސިމް އިބްރާހީމް ވަނީ 2008 އަދި 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާފައެވެ.

ދިވެހި ރައްޔިތުންނާއި ޤައުމަށް ފާގަތިކަން ހޯއްދަވައި ދެއްވުމުގެ މަތިވެރި ނިޔަތުގައި ޤާސިމް އިބްރާހީމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް ބުހުތާނު ތުހުމަތުތައްކޮށް އެކިސަރުކާރުތަކުންވަނީ ސިޔާސީ ދައުވާ އުފުލާ އެމަނިކުފާނު ޖަލަށްލާފައެވެ. އެސަރުކާރުތަކުން ދިން އަނިޔާގެ ސަބަބުން އެމަނިކުފާނުގެ ޢާއިލާގެ އިތުރުން އެތައްހާސް މުވައްޒަފުންގެ ޢާއިލާތަކަށްވެސް ވަނީ ހިތްދަތިކަން ލިބިފައެވެ. ޤާސިމް އިބްރާހީމަށް އެސަރުކާރުތަކުން ކުރިމަތިކުރުވި މާލީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ފަހަށްޖެހިވަޑައިނުގެން ކޮންމެ ފަހަރަކުމެ އިސްކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންނެވެ.

އެކިމުހުތާދުތައް ފުއްދުމަށް ދަތިވެފައިވާ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް، ރަސްމީކޮށް ޒަމާނީ ގޮތެއްގައި ފޯރުކޮށްދެއްވަން ފެއްޓެވުމުގެ މާކުރިން، 1976 ވަނަ އަހަރުން ފެށިގެން ޤާސިމް އިބުރާހީމް ގެންދަވަނީ ދަރުމަވެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. 19 މާރޗް 2003 ގައި ވިލާ ފައުންޑޭޝަން އުފައްދަވައި، ހިތްދަތިކަމާ މާޔޫސްކަންމަތީގައި ތިބި އެތައް ހާސް ޢާއިލާއަކަށް އެހީތެރިވެ ވަޑައިގަންނަވާ ދީލަތި މަދަދުގާރެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު އައު ހަރުފަތަކަށް ގެންދެވިއެވެ.

ޤާސިމް އިބްރާހީމަކީ އެމަނިކުފާނުގެ އިޖުތިމާޢީ ޒިންމާ އަދާކުރެއްވުމުގައި އެފަދަ ދެވަނައެއްނެތް ޚިދުމަތްތެރިއެކެވެ. ވިލާ ފައުންޑޭޝަންގެ އެހީގައި އެތައް ލައްކަ ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަންލިބި، އެފުރާޅުގެ ދަށުން އެފަރާތްތަކުގެ ކެކުޅުމާއި ވޭނަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށް ޤާސިމް ގެންދަވަނީ ނަމޫނާ މަސައްކަތަކެއް ކުރައްވަމުންނެވެ. އެތައް ހާސް ދިވެހި ދަރިންނަށް ސާނަވީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމުގެ ދަރަޖަތައް ކަމުގައިވާ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ޙާޞިލް ކުރުމުގެ އެންމެހާ ކަންކަން ފަހިކޮށްދެއްވުމުގެ އިތުރުން މެޑިކަލް ޑޮކްޓަރުން، ނަރުހުން އަދި ޕައިލޮޓުން އުފެއްދެވުމުގައި ކުރަންޖެހޭ ހުރިހާ ހޭދައެއް ކުރެއްވުމަކީވެސް ޤާސިމަށް ލިބިވަޑައިގަންނަވާ އުފަލަކަށް ހެއްދެވިއެވެ. ވަކިއެކި ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ރަށްރަށަށް އެންމެ ބޭނުންތެރި އެހީތެރިކަމެއް ފޯރުކޮށްދޭ ވާޞިތާއަކީވެސް ޤާސިމް އިބްރާހީމްގެ ވިލާ ފައުންޑޭޝަނެވެ.

 

ޤާސިމް އިބްރާހީމް އަދާކުރެއްވި އިސް މަގާމުތައް