Jumhooree Party

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކޮށް ނިމުމަށްފަހުވެސް ބަންދުން ދޫކޮށްލާފައި ނުވާތީ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރޭ ބަޔާން

<u>ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކޮށް ނިމުމަށްފަހުވެސް ބަންދުން ދޫކޮށްލާފައި ނުވާތީ ޤާނޫނީ ވަކީލުންގެ ފރާތުން ނެރޭ ބަޔާން</u>

ޢަބްދުﷲ ރިޔާޟްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން 24 އޭޕްރީލް 2018 ވަނަ ދުވަހު ކުރެއްވި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ދޫކޮށްފައިވާ ޗިޓްގައި ޢަބްދުﷲ ރިޔާޒްގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީޚުކަމުގައި ބަޔާންކޮށްފައިވަނީ 15 ސެޕްޓެމްބަރު 2018 އެވެ. އެހެންކަމުން މިއަދުގެ 14:00 އަށް އެމުއްދަތު ހަމަވެފައިވާތީ އެވަގުތުން ފެށިގެން ޢަބްދުﷲ ރިޔާޟް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ބަހައްޓާފައިވަނީ ޤާނުނީ އެއްވެސް އަސާސެއް ނެތި އާރބިޓްރަރީކޮށް ކަމުގައި އަޅުގަނޑުމެން ދެކެމެވެ.

ޢަބްދުﷲ ރިޔާޟް މިވަގުތު ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ ހައިކޯޓުން ޙުކުމްކުރުމުގެ ކުރިން ކޯޓުން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުތަކަށް ރިޢާޔަތްކޮށްކަމަށް ކަރެކްޝަނަލް ސަރވިސްއިން މިއަދުގެ ވަގުތެއްގައި އެމަނިކުފާނަށް އަންގާފައިވެއެވެ.  ނަމަވެސް ޝަރީޢަތުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެމީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާޠިލުވެގެންދާކަމީ އެޔާމެދު ދެބަސްނުވެވޭނޭ ކަނޑައެޅިގެން އެނގެން އޮތް ސާފު ޢަމަލީ އުޞޫލެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރަމުން ގޮސްފައިވާ ޤާނޫނީ ޢުރުފެކެވެ.

މިވަގުތު ޢަބްދުﷲ ރިޔާޟް ބަންދުގައި ބެހެއްޓުމުގައި ރިޢާޔަތްކޮށްފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނާ މައްސަލަތަކަކީ، އެމައްސަލަތަކުގެ ޝަރީޢަތް މިއަދާ ހަމައަށް ވެސް ފެށިފައި ނުވާއިރު، ޝަރީޢަތް ފެށުމުގެ ލިމިޓޭޝަން ޕީރިއަޑްހަމަވެފައިވާ ބާޠިލު މައްސަލަތަކެކެވެ. އެހެނީ ޢަބްދުﷲ ރިޔާޟް ހައްޔަރުކުރެވުނީ 2 މާރޗް 2018 ވަނަ ދުވަހުކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، އެހައްޔަރު ނިސްބަތްކުރެވިފައިވާ މައްސަލައެއްވާނަމަ އެމައްސަލައެއްގެ ޝަރީޢަތް ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަންޖެހޭތީއެވެ. ވުމާއެކު ޝަރީޢަތްކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ އެންމެހާ މައްސަލަތައް، އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގޮވާލަމެވެ.

މީގެ އިތުރުން ޢަބްދުﷲ ރިޔާޟްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކުރި ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ޙުކުމް ތަންފީޒުކޮށް ނިމެން 72 ގަޑިއިރަށް ވުމުން އެމައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގާފައިވެއެވެ. ސުޕްރީމް ކޯޓުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމަވާފައިވަނީ މައްސަލައާ ގުޅޭގޮތުން އެއްވެސް އަޑުއެހުމެއް ވެސް ބޭއްވުމެއް ނެތިއެވެ. <strong><u>ޝަރީޢަތްކުރުމުގައި ރިޢާޔަތްކުރެއްވުމަށް މާތް ﷲ ބާވާލެއްވި ގޮތަކީ މިއީކަމުގައިވާނަމަ، ޢަބްދުﷲ ރިޔާޟްގެ ފަރާތުން ކުރާނެ ހަމަ އެއްވެސް ޝަކުވާއެއް ނެތެވެ. </u></strong>ޢަބްދުﷲ ރިޔާޟް ޖަލަށްލުމަށް ހައިކޯޓުން ޙުކުމްކުރީ ޢަބްދުﷲ ރިޔާޟް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފުލުހުންނަށް ޕިންކޯޑުދީ އެޕިންކޯޑުން ފޯނު ހުޅުވާފައިވަނިކޮށް، ޕިންކޯޑު ފުލުހުންނަށް ދީފައިނުވާކަމަށް ކަނޑައަޅާކަން މިފުރުސަތުގައި ފާހަގަކުރަމެވެ.

ޙުކުމް ތަންފީޒުކޮށް ނިމުނު ފަހުންވެސް ޢަބްދުﷲ ރިޔާޟް މިނިވަން ނުކޮށް ޢާންމުކޮށް ޢަމަލުކުރަމުންދިޔަ ޢުރުފީ ހަމަތަކާއި މުސްތަޤިއްރު ޤަވާޢިދުތައް މުގުރާލައި، ޢަބްދުﷲ ރިޔާޟް ބަންދުގައި ދަމަހައްޓަން އިރުޝާދު ދިން ފަރާތްތަކާއި އަދި އެޢަމަލު ތަންފީޒުކުރި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅިގެންދާނެކަން ހަނދާކޮށް އަރުވަމެވެ.

15 ސެޕްޓެމްބަރު 2018

ހިއްސާ ކުރައްވާ