Jumhooree Party

ޑެޕިއުޓީ ލީޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބުވެއްޖެ

ޖުމްހޫރީ ޕާޓީގެ ތާރީޚުގައި ވެސް، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އިންތިޚާބުކުރި ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފު އެޕާޓީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާ ހޯއްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ ޕާޓީގެ ކައުންސިލަށް 25 މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވާފައިވެއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާންކުރިއިރު، ތަފާތު ބޮޑު ނަތީޖާއަކުން ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އެއް ބޭފުޅަކީ ނަހުލާއެވެ. އެގޮތުން އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މަގާމަށް އިންތިޚާބުވީ ވެސް އެކަމަނާއެވެ. އެކަމަނާ ވަނީ ޖުމްލަ 558 ވޯޓު ހޯއްދަވާފައެވެ. އެކަމަނާގެ އިތުރުން ހަތަރު ބޭފުޅަކުވަނީ މިމަގާމަށް އިންތިޚާބުކޮށްފައެވެ. އެއީ ކުރިންވެސް ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރައްވާފައިވާ އަމީން އިބްރާހިމް އާއި ނިމިދިޔަ ދައުރުގައި އެޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ފުރުއްވި އަހުމަދު ސައުދުގެ އަދި އިގުބާލު އާދަމްގެ އިތުރުން އަލީ ޝާހުއެވެ.

މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަމީންއަށް 327 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައުދުވަނީ 275 ވޯޓު ހޯއްދަވާފައެވެ. މީގެ އިތުރުން އިގުބާލަށް 263 ވޯޓު ލިބިވަޑައިގެންނެވިއިރު ޝާހުއަށްވަނީ 277 ވޯޓު ލިބިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ކުރިއަށްދިޔަ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުނެވެ. އޭގެތެރެއިން ވޯޓުލާފައިވަނީ 680 މެމްބަރުންނެވެ.

ހިއްސާ ކުރައްވާ