Jumhooree Party

ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ މަޝްވަރާކުރުމުގެ ބާރު ލީޑަރަށް ދީފި

އަންނަ ރިޔާސީ އިންތިޚާބުގައި އިސްވެ ޖޭޕީން އެހެން ރިޔާސީ ކެންޑިޑޭޓަކާއި ކޯލިޝަން ހަދަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ މަޝްވަރާ ހިންގުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން މިއަދު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަށް ދީފިއެވެ.

ޖޭޕީގެ ޤައުމީ ކޮންފަރެންސްއަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުން މިއަދު ވަނީ ބާއްފައެވެ. ޖޭޕީގެ މައި މަރުކަޒު، ކުނޫޒުގައި  މެންދުރުފަހު 14:00 ގައި ފެށި މި ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ގަރާރެއް ހުށަހުއްވާފައެވެ.

ނާޒިލްގެ ގަރާރަކީ، ޖޭޕީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިލްތިމާސްކޮށް އެ ޕާޓީގެ ޤައުމީ ކޮންފަރެންސްއަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަޙްމަދު ހުށަހެޅުއްވި ގަރާރު ތަންފީޒު ކުރުމަށް ހުށަހެޅި ގަރާރެކެވެ. ނާޒިލްގެ ގަރާރުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބަށް ޖޭޕީން ރިޔާސީ ކެންޑިޑޭޓަކާއެކު ކޯލިޝަން ހަދަންޖެހޭފަދަ ހާލަތެއްގައި، އެކަމުގެ މަޝްވަރާ ހިންގުމުގެ ބާރު ޕާޓީގެ ލީޑަރަށް ދިނުމެވެ. ނާޒިލްގެ ގަރާރަށް ތާއީދު ކުރެއްވީ، އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދެވެ.

ޖޭޕީގެ ލީޑަރަށް މަޝްވަރާ ހިންގުމުގެ ބާރު ދިން ނަމަވެސް، ކޯލިޝަން ހެދުމާމެދު ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުންނެވެ.

”ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،“ ނާޒިލްގެ ގަރާރުގައި ބުނެފަވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އިސްވެ ޖޭޕީން އެހެން ރިޔާސީ ކެންޑިޑޭޓަކާއި ކޯލިޝަން ހަދަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ މަޝްވަރާ ހިންގުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން މިއަދު އެ ޕާޓީގެ ލީޑަރު ޤާސިމް ދިންއިރު މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ