ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އޮންރަބަލް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު އަދި އެޑްވައިޒަރުންގެ މަގާމަށް 5 ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
މި 6 ބޭފުޅުން މި މަގާމަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ.
ގާސިމްގެ އެޑްވައިޒަރު ކަމަށް މުޅިން އަލަށް 3 ބޭފުޅަކު ހަމަޖެއްސެވިއިރު އެބޭފުޅުންނަކީ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބުރައީސް އަދި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުﷲ ޖިހާދާއި އެޑްވައިޒަރުންނަށް، ދާހިލީ ވަޒީރުކަން ކުރައްވައި ސަރުކާރުގެ އިސް އެހެނިހެން މަގާމުތައް ފުރުއްވައި ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި އަޒްލީން އަހުމަދުގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ.
މިބޭފުޅުންގެ އިތުރުން މިހާރުވެސް ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުންނަށްވެސްވަނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
އެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަމާއި ޖުމްހޫރީ ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާ އަދި ސާބިތުކަމާއިއެކު ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނެވި އިލްހާމް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރައްވާ އަދި ސާބިތުކަމާއިއެކު ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނެވި ރިޔާޒު ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމުގެ އިތުރުން ޕާޓީއަށް އިލްމީ މަސައްކަތްތަކެއްކޮށްދެއްވައި ސާބިތުކަމާއިއެކު ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނެވި އަހުމަދު ނިހާނު ހުސައިން މަނިކެވެ.