ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ.
އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ.
ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ކުރިން އެޑްވައިޒަރަކަށް ހުންނެވި އިލްހާމް އަހުމަދު އިއްޔެ ވަނީ ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް ހަމަޖައްސަވާފައެވެ.
ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ކުރިން ވެސް ވަނީ ހަތަރު ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. އެއީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، މިހާރުގެ ފިޝަރީޒް މިނިސްޓަރު، ޖޭޕީގެ ކުރީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ޙަސަން އާއި ކުރީގެ ވަޒީރު އިރުތިޝާމް އާދަމް (އިރޫ) އަދި ޑރ. އާމާލް ޢަލީއެވެ.
ޖޭޕީ ލީޑަރުގެ އެޑްވައިޒަރުންގެ މަގާމަށް އިއްޔެ ވަނީ ހަތަރު ބޭފުޅަކު ހަމަޖައްސަވާފައެވެ. އެ ހަތަރު ބޭފުޅުންނަކީ ވެސް އެންމެފަހުން އޮތް ޖޭޕީގެ ޤައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެން ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު (ހަނަފީ) އާއި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣްނީ އާއި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި އަދި ޔަޝްފާ އަބްދުލްޣަނީއެވެ.